މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. އީރީ، އުމުރުން 35 އަހަރުގެ ޢަބްދުﷲ މުޢާޒް އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިންނެވެ. މަންޒަރު ދުށް މީހުންނާއި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މީހަކު މޭޔަރު އާޒިމަށް ހަމަލާދޭން މަސައްކަތް ކުރުމުން، އެ ވަގުތު މޭޔަރުގެ އަރިހުގައި ތިބި މީހުން ވަނީ ވަގުތުން އެކަން ހުއްޓުވާފައެވެ.
މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ސިޔާސީ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދޭ މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަން ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.