ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތީރިޓީ (އެލްޖީއޭ) އިން ހާމަކުރައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 17 ވަނަ ދުވަހުއެވެ.
އެލްޖީއޭއިން ވިދާޅުވި ގޮތުގައި، އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމާއެކު، ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ، އެ ކޮމިޓީ ހިންގުމުގެ އެންމެ އިސް ފަރާތުގެ ގޮތުގައި ފުލްޓައިމް މަޤާމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެލްޖީއޭއިން ވިދާޅުވީ މި ބަދަލާއެކު ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރަށު ފެންވަރުގައި އަންހެނުންގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.