ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އޮޑިވެރިންނަށް 53 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް އޮޑިވެރިންނަށް 53 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިއު) ޤާއިމްކުރުމަށް އޮޑިވެރިންނަށް މިހާތަނަށް 53 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ލޯނު ދޫކުރަމުން ދަނީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެންނެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، އާރުއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށް މިހާތަނަށް 99 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 51 ފަރާތެއްގެ ލޯނު މިހާތަނަށް އެޕްރޫވްކޮށްފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 53 މިލިޔަން ރުފިޔާ މިހާތަނަށް ދޫކުރެވިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ލޯނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމެވެ. އަދި އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް މި ޕްރޮގްރާމްގެ ބޭނުމެކެވެ. މީގެ ސަބަބުން މަސްވެރިންނަށް ކަނޑުމަތީގައި ގިނަވަގުތު ހޭދަކޮށް، މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

މި ލޯނަށް އެދުމުގެ ފުރުޞަތު މި ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، މަސްވެރިންނަށް އިތުރު ލުއިތައް ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ވަނީ އައު ލުއިތަކަކާއެކު އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް މިހާރު ހުޅުވާލާފައިވަނީ ވަރަށް ލުއި ފެސިލިޓީއެއްގެ ދަށުން ކަމަށެވެ. އެގޮތުން، ލޯނަށް އެދޭ ފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ ބަލާ މުއްދަތު މިހާރު ވަނީ 3 މަސް ދުވަހަށް ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަމުން އައީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި ބަދަލާއެކު ގިނަ އަދަދެއްގެ މަސްވެރިންނަށް މި ފުރުޞަތުގެ ބޭނުންހިފުމަށް މަގުފަހިވެ، ރާއްޖޭގެ މަސްދޯނިފަހަރުގައި ޒަމާނީ ފިނިކުރާ ނިޒާމުތައް ޤާއިމްކުރުން އަވަސްވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

މިއަދު އޮންލައިން