ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމުގައި ސިޔާސީ ވިސްނުމެއް ނެތް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމުގައި ސިޔާސީ ވިސްނުމެއް ނެތް: ވަޒީރު

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމުގައި ސިޔާސީ އެއްވެސް ވިސްނުމެއް ނޯންނާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ އެކަން އެގޮތަށް ކުރަން ޖެހުނީ ބައެއްގެ ޙައްގު ގެއްލޭގޮތަށް ފްލެޓް ދީފައިވާތީ އެކަން އިތުރަށް ބެލުމަށްޓަކައި ކަމަށެވެ.

މިދިޔަ އަހަރު އެގްރިމަންޓްގައި ސޮއިކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވި ލިސްޓުގައި ހިމެނޭ ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާލަން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ލިސްޓުގައި ނާއިންސާފުން ހިނގާފައިވާ ބައެއް ކަންކަން ދެނެގަނެވުނީ ލިސްޓް ފޮނުވި ފަހުން ކަމަށްވާތީ، އެކަންކަން އިސްލާހު ކުރުމުގެ ގޮތުން ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާލަން އެންގީއެވެ.

މާކްސް ދީފައިވާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، 76 އިން މަތިން ޕޮއިންޓް ލިބުނު އެންމެނަށް ފްލެޓް ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް 75 ޕޮއިންޓް ލިބުނު މީހުންނަކީ ގުރުއަތަކަށް ދާން ޖެހޭ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުރީ ސަރުކާރުން ލިސްޓް އެކުލަވާލި އިރު، 76 މާކްސް ލިބުނު 325 މީހުންނަށް ފްލެޓް ކަނޑަނާޅައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ލިސްޓުން ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާ އެންގީ ސިޔާސީ ކަމެއްގައެއް ނޫން. ބަޔަކު އުނިކުރާކަށްވެސް ނޫން. ސަރުކާރުން ބަޔަކަށް ދޭން ކަނޑައަޅާ ގެޒެޓުކޮށްފައި އޮތް ލިސްޓެއްގެ، ބައެއްގެ ޙައްގުތައް ޙިމާޔަތްކުރަން ކުރި ކަމެއް." ކަމަށެވެ.

މި ނިންމުމަކީ ފްލެޓް ލިސްޓުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށް، ހައްގުވެރިންނަށް އިންސާފުވެރިކަމާއެކު ފްލެޓްތައް ހަވާލުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

މިއަދު އޮންލައިން