ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން: ވަޒީރު ޝިޔާމް

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކެއް ކަމަށާއި، ނަމަވެސް ހަމަ އެއާއެކު ޒާތީ ދިރިއުޅުމުގެ ހައްގާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީ ވެސް ކޮންމެ ރައްޔިތަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. އަދި މި ހައްގުތައް ކަށަވަރުވުމުގައި ގައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެން ނުވާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްލާމީ ޝަރީއަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ގަޒްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށެވެ. "އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީއަތުގެ އެއް މަގްސަދު ކަމުގައިވެފައި، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި މި ސަރުކާރަކީ އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް އެންމެ ފުޅާ ދާއިރާގައި ތަރުހީބު ދޭނެ ސަރުކާރެއް ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިއަދު ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު އެކަން ނުހުއްޓުވައިފިނަމަ، މާދަމާ މީގެ ޝިކާރައަކަށް ކޮންމެ މީހަކު ވެސް ވެދާނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ ހައްގުތަކާއި މިނިވަންކަން ނަގާލައި އަބުރު ކަތިލެވޭ ހިސާބަށް ވެގެންނުވާނެ ކަމަށް ވިދާޅުވެ ވަޒީރުގެ ޕޯސްޓް ނިންމަވާލެއްވިއެވެ.

މިއަދު އޮންލައިން