ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމަށް އެމްއައިބީއާއި ސޮނެވާ ނަމޫނާ އަދި ފައިނު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމަށް އެމްއައިބީއާއި ސޮނެވާ ނަމޫނާ އަދި ފައިނު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސޮނެވާ ނަމޫނާ އަދި ރ. ފައިނު ކައުންސިލާ ގުޅިގެން އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ދަށުން ރ. ފައިނުގައި ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 7 ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ކުނި މެނޭޖްކުރާނެ ސިސްޓަމެއް ފަރުމާ ކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައެޅިގެންދާނެ ކަމަށް އެމްއައިބީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ކުނި މެނޭޖް ކުރުމަށް ކޮންމެހެން ބޭނުންވާ މެޝިނަރީތައް އިންސްޓޯލް ކުރުމާއި، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ފަންނީ ތަމްރީނުތައް ރަށުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ އެ ރަށުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެކެވެ.

އެމްއައިބީން އަންނަނީ 2025 ވަނަ އަހަރުން ފެށިގެން ސޮނެވާ ނަމޫނާއާއެކު ތިމާވެއްޓާ ގުޅޭ ތަފާތު މަޝްރޫޢުތަކުގައި ބައިވެރިވަމުންނެވެ. މި ޕާޓްނަރޝިޕްގެ ދަށުން މީގެ ކުރިން ބ. ގޮއިދޫގައި ވެސް ވަނީ ތިމާވެއްޓާ ގުޅޭ ކާމިޔާބު މަޝްރޫޢެއް ހިންގާފައެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރެވި، ކުނި ނައްތާލުމުގައި އަމަލުކުރާ އުސޫލުތައް ޒަމާނީވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން