ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމަށް، 2026 ވަނަ އަހަރުގެ "ޑިޕްލޮމެޓް އޮފް ދަ އިޔަރ" އެވޯޑު ލިބިވަޑައިގެންފިއެވެ. މިއީ އިނގިރޭސިވިލާތުގެ ޑިޕްލޮމެޓް މެގަޒިންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެމުންދާ ޝަރަފުވެރި އެވޯޑެކެވެ.
ވަޒީރު އިރުތިޝާމް އާދަމަށް ލިބިވަޑައިގެންފައިވަނީ "ޑިޕްލޮމެޓިކް އޮފް ދަ އިޔަރ ފޯރ އޭޝިއާ އެންޑް އޯޝެނިއާ" އެވޯޑެވެ. ޑިޕްލޮމެޓިކް މެގަޒިންއިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، އެކަމަނާއަށް މިއެވޯޑު އެރުވުމަށް ނިންމީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގޮތުގައި ހުންނަވައިގެން ކުރެއްވި މުހިއްމު މަސައްކަތްތަކާއި ހޯއްދެވި ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުންނެވެ.
އިރުތިޝާމް އާދަމް ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މަޤާމުގައި ހުންނަވައިގެން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް އެކަމަނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ސަފީރުކަމުގެ މަޤާމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކެބިނެޓަށް ބަދަލު ގެންނަވައި، އިރުތިޝާމް އާދަމް ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައެވެ. މި އެވޯޑަކީ އެކަމަނާގެ ދިގު ޚާރިޖީ ޚިދުމަތަށް ބައިނަލްއަޤްވާމީ ފެންވަރުގައި ލިބިގެންދިޔަ ބޮޑު އިޢުތިރާފެކެވެ.