ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ތަކުރާރުކޮށް ޚިލާފުވާ މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދޭ ގޮތަށް އައު ގަވާއިދެއް އެކުލަވާލައި، އެއަށް އަމަލުކުރަން ފަށައިފިއެވެ. "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު" ގެ ނަމުގައި އެކޮމިޝަނުން މިއަދު ވަނީ މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށާއި، ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ހަމަތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ސަބަބުން މައްސަލަތައް ބަލައިގަތުމާއި ތަހުގީގުކުރުމުގައި ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއް ގާއިމުވެގެންދާނެ ކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.
އައު ގަވާއިދުގައިވާ ގޮތުން، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ގަވާއިދާ ތަކުރާރުކޮށް ޚިލާފުވާނަމަ، 50,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. މީގެ އިތުރުން، ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި، ޤައުމީ ސަލާމަތާއި، އާންމު ނިޒާމު ނުވަތަ އާންމު ސިއްހަތަށް ނުރައްކަލެއް ކަމަށް ބެލެވޭނަމަ، ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެ ކޮންޓެންޓެއް ފެތުރުން ހުއްޓުވުމުގެ ބާރުވެސް ވަނީ ދީފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މެދުވެރިކޮށް ޚިދުމަތް ދިނުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމުގެ އިޚްތިޔާރުވެސް ކޮމިޝަނަށް ލިބެއެވެ.
ނޫސް މަޖައްލާތަކުން ޤާނޫނާއި ގަވާއިދާ ޚިލާފު ކޮންޓެންޓް އުފައްދައި އެކަން ތަކުރާރުކުރާނަމަ، 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ބްރޯޑްކާސްޓަރުންނެކޭ އެއްފަދައިން، ނޫސްތަކުންވެސް ދީނާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް އާންމުކުރާނަމަ، އެކަން ހުއްޓުވުމުގެ ބާރު ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކޮމިޝަނަށް ލިބިދެއެވެ.
މި ގަވާއިދުގެ ދަށުން ހަމައެކަނި މީޑިއާ މުއައްސަސާތަކަށް ނޫންކަން ފާހަގަކުރެވެއެވެ. މީޑިއާގައި އަމަލީގޮތުން މަސައްކަތްކުރާ ވަކިވަކި ފަރާތްތަކުން ގަވާއިދާ ޚިލާފުވާ ހާލަތްތަކުގައިވެސް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު މިހާރު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިދީފައެވެ.