ހުރިހާ މީޑިއާއަކަށް ދަފްތަރުގައި އަދާހަމަކުރުމަށް 6 މަސް ދުވަހުގެ މުހުލަތެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
ހުރިހާ މީޑިއާއަކަށް ދަފްތަރުގައި އަދާހަމަކުރުމަށް 6 މަސް ދުވަހުގެ މުހުލަތެއް ދީފި

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކަކުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ދަފްތަރުގައި އަދާހަމަކުރުމަށް ހަ މަސް ދުވަހުގެ މުހުލަތެއް އެ ކޮމިޝަނުން ދީފިއެވެ. މި ނިންމުމަކީ ރާއްޖޭގައި ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދެއް އެކުލަވާލައި ޝާއިޢުކުރުމާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ.

މީގެ ކުރިން ނޫސްމަޖައްލާތައް ރަޖިސްޓްރީކުރަމުން އައީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގައި ނަމަވެސް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނުގެ ދަށުން މިހާރު އެ ޒިންމާ ވަނީ އެ ކޮމިޝަނާ ހަވާލުކޮށްފައެވެ. އަލަށް އެކުލަވާލި ޤަވާއިދުގައި ނޫސްމަޖައްލާތައް ހަތަރު ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް އެވެ.

މި ޤަވާއިދުގައިވާ ގޮތުން ނޫސްމަޖައްލާގެ ޚިދުމަތް ދިނުމަށް އެކި ވަސީލަތްތައް ބޭނުންކުރެވިދާނެއެވެ. އޭގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ހިމެނެއެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސްމަޖައްލާ ހިންގުމުގެ ފުރުސަތު އޮތް ނަމަވެސް، ވަކި އިދާރާއެއްގެ އެތެރޭގެ މައުލޫމާތު ފޯރުކޮށްދޭ ލިއުންތައް މި ޤަވާއިދުން އިސްތިސްނާވެއެވެ.

އައު ޤަވާއިދުގެ ދަށުން ނޫސްމަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އައު ކުރަން ހުށަހަޅަންޖެހޭއިރު، ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ވެއްޖެނަމަ ރަޖިސްޓްރީ ބާތިލްވާނެއެވެ. މީގެ އިތުރުން، ކޮންމެ ނޫސްމަޖައްލާއެއްގައިވެސް އެޑިޓަރަކާއި މަސްއޫލުވެރި ފަރާތެއް ހުންނަންޖެހޭނެ ކަމަށާއި، އެ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އަލަށް އެކުލަވާލި ޤަވާއިދުގައި ފާހަގަކޮށްލެވޭ އެއް ކަމަކީ ނޫސްމަޖައްލާ ކިޔާ ފަރާތްތަކުގެ އަތުން ފީއެއް ނެގޭނެ އުސޫލު ހިމަނާފައިވުމެވެ. ނަމަވެސް، އެއްވެސް މީޑިއާއަކަށް ފީއެއް ނެގޭނީ މީޑިއާ ކޮމިޝަނަށް އެ ފީއެއް ހުށަހަޅައި، ކޮމިޝަނުން އެކަން ފާސްކޮށް ހުއްދަ ދިނުމުންނެވެ. ރަޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކަށް 30 ދުވަހުގެ ތެރޭގައި ކޮމިޝަނުން ޖަވާބު ދޭންޖެހޭނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ.

މިއަދު އޮންލައިން