އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލައިފި

އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް ލިބިދޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފިއެވެ. "އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު" ގެ ނަމުގައި އާންމުކުރި މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމެވެ.

މި ގަވާއިދުގެ ދަށުން، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބާއްވާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ފަހިކޮށްދިނުމާއި، ސަލާމަތީ ބާރުތަކުގެ ފަރާތުން ބޭނުންވާ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދޭނެއެވެ. މީގެ އިތުރުން، ހުރިހާ މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީވެސް މި ގަވާއިދުގެ އަމާޒެކެވެ.

މި ގަވާއިދުގެ ދަށުން ތިން ދާއިރާއަކުން ނޫސްވެރިން އެކްރެޑިޓްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދިވެހި މީޑިއާތައް ތަމްސީލުކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ބައިނަލްއަގުވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭއިރު، ފްރީލާންސް ނޫސްވެރިން އެކްރެޑިޓްކޮށްދޭނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

އެކްރެޑިޓްކުރެވޭ ނޫސްވެރިންނަށް ގިނަ އިމްތިޔާޒުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް ލިބުމާއި، ހަލަބޮލި ހާލަތްތައް ހިނގާ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ނުވަތަ "އެކްސެސް" ލިބުން ހިމެނެއެވެ. އަދި ސަލާމަތީ ބާރުތަކުގެ ފަރާތުން މައުލޫމާތު ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް މި ގަވާއިދުގެ ދަށުން ހަމަޖެހިގެންދާނެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މި އާ ގަވާއިދުގެ ސަބަބުން މުޒާހަރާތަކާއި އެކި އެއްވުންތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، މަސައްކަތް ކުރުމުގައި ބޮޑެތި ފަސޭހަތަކެއް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން