އަޒަރުބައިޖާން އަށް 90 ދުވަހުގެ މުއްދަތަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަމަޖެހިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަޒަރުބައިޖާން އަށް 90 ދުވަހުގެ މުއްދަތަށް ވިސާ އާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަމަޖެހިއްޖެ

އަޒަރުބައިޖާން އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ އާ ނުލައި 90 ދުވަހުގެ މުއްދަތަށް އެ ޤައުމަށް ޒިޔާރަތް ކުރެވޭގޮތަށް މިއަދުން ފެށިގެން ހަމަޖެހިއްޖެއެވެ. މިއީ ދިވެހި ސަރުކާރުން ބޭރުގެ ޤައުމުތަކާއެކު ބާއްވާ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު ކުރިއެރުމެކެވެ.

މި ބަދަލު އައިސްފައިވަނީ 24 ސެޕްޓެމްބަރ 2025 ގައި ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން، އޯރޑިނަރީ ޕާސްޕޯޓު ގެންގުޅޭ ދިވެހިންނަށް އެއްވެސް ދަތިކަމެއް ނެތި ގިނަވެގެން 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި މަޑުކުރެވޭނެއެވެ.

މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

ނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމަކީ 90 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެ ޤައުމުގައި ތިބުމަށާއި، ވަޒީފާ އަދާކުރުމާއި، ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެ ކަމެވެ. މި ލުއިތަކަކީ ހަމައެކަނި ކުރު މުއްދަތުގެ ޒިޔާރަތްތަކަށް ޚާއްޞަ ކުރެވިފައިވާ ލުއިތަކެކެވެ.

މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާން އަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މިއަދު އޮންލައިން