މާލެއިން ކަރަންޓު ކެނޑޭ ވަގުތުތަކުގައިވެސް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، އެ ހޮސްޕިޓަލްތަކުގައި ހުންނަ ބެކަޕް ސިސްޓަމްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، މިހާރު ދެ ހޮސްޕިޓަލުގައިވެސް ބެކަޕް ކަރަންޓު ބޭނުންކުރަނީ އެންމެ މުހިއްމު ސަރަޙައްދުތަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗަށް ގެނެވުނު ކުރިއެރުންތަކާއެކު، ހޮސްޕިޓަލުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. "މިހާރު ހުރި ބެކަޕް ސިސްޓަމްތައް ބޮޑުކުރަންޖެހޭ. އަދި މިހާރު ބޭނުންކުރާ ސާމާނުތައް ޒަމާނީ ތަކެއްޗަށް ބަދަލުކޮށް، އަޕްގްރޭޑް ކުރަން ވަނީ ޖެހިފައި،" ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން މާލެ ސަރަޙައްދުގައި ހުރި ސަރުކާރުގެ އެހެނިހެން ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށްވެސް މިހާރު މަސައްކަތްތަކެއް ރޭވިގެން ކުރިއަށްދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތުދެއެވެ.