ރޭގެ ވަގުތެއްގައި މާލެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް ހޮނުއެޅުމާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަމުންދާތީ، އެކަމަށް ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ (ELCB) ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކުރުމަށް އެ ކުންފުނިން ވަނީ އިރުޝާދު ދީފައެވެ. "އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ނަންގަވައި ކަރަންޓު ދިނުމަށް މަސައްކަތް ކުރެއްވުން އެދެން،" ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ އެކަން ރިޕޯޓް ކުރުމަށްވެސް ސްޓެލްކޯއިން ވަނީ އެދިފައެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1545 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ޝަކުވާތައް އަންނަނީ ލިބެމުންނެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ކަރަންޓު ސާމާނު ބޭނުންކުރުމުގައި ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.