މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓުކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މިހާތަނަށް 2,183 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ހަ ގުނަ އިތުރު އަދަދެކެވެ.
މަސްތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިޕޯޓުކުރި 76 ކޭސްއާ އަޅާބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު އެކަނިވެސް 679 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ. ފެބުރުއަރީ މަހު މިދިޔަ އަހަރު 87 ކޭސް ރިޕޯޓު ކުރިއިރު، މިއަހަރު އެ އަދަދު ވަނީ 428 އަށް އަރާފައެވެ. އަދި މާޗް މަހު މިދިޔަ އަހަރު 76 ކޭސް ރިޕޯޓް ކުރި ނަމަވެސް، މިއަހަރު އެ މަހު 600 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭޕްރީލް މަހުގެ މިހާތަނަށް 476 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރިޕޯޓްކޮށްފައިވަނީ 135 ކޭސްއެވެ.
ސަރަހައްދުތަކަށް ބަލާއިރު، ޑެންގީ އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަތޮޅުތެރެއިންނެވެ. އެގޮތުން އަތޮޅުތެރެއިން 1,813 ކޭސް ރިޕޯޓްކޮށްފައިވާއިރު، މާލެ ސަރަހައްދުން ރިޕޯޓްކޮށްފައިވަނީ 370 ކޭސް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދުވަސްވަރު ޑެންގީ ޖެހޭ މިންވަރު އިތުރުވަމުން އަންނާތީ، ޑެންގީއާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.