ވައިގެ ކޮލިޓީ ބެލުމަށް މާލޭ ސަރަހައްދުގައި މިއަހަރު ތެރޭގައި 4 ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަސައްކަތަކީ ރާއްޖޭގެ ވައިގެ ނުސާފުކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ވައިގެ ފެންވަރު ދެނެގަތުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވުމާއި ދުންފުނީގެ އަސަރު މިފަހަކަށް އައިސް ވަރަށް ބޮޑަށް ކުރަމުންދާތީ، މިކަން އެންމެ އެދެވޭ ގޮތެއްގައި ބެލޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންވަޔަރަންމަންޓު މެނޭޖްމަންޓު އެންޑް ކޮންސަރވޭޝަން ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ވައިގެ ކޮލިޓީ ބެލުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 7 ރަށެއްގައި އާންމުންނަށް ފޯނު މެދުވެރިކޮށް ވައިގެ ކޮލިޓީ ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު މި ނިޒާމު ޤާއިމްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ވިލިނގިލި، ށ. ފުނަދޫ، ލ. ގަން، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ދ. ކުޑަހުވަދޫ، އަދި ކުޅުދުއްފުށި ހިމެނެއެވެ. މި ރަށްތަކުގެ ވައިގެ ފެންވަރު އާންމުންނަށް ވަގުތުން ބަލާލެވޭނެއެވެ.
ދުންފުނީގެ އަސަރު އެންމެ ބޮޑަށް ކުރަނީ މާލެ ސަރަހައްދަށް ކަމަށްވާތީ، މި ސަރަހައްދުގައި ޚާއްސަ ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރު ތެރޭގައި ސްޓޭޝަންތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ތަންތަނަކީ ގަލޮޅު ސަހަރާ، މާފަންނު ސަހަރާ، ހުޅުމާލެ ސެންޓަރަލް ޕާކު އަދި ހުޅުމާލެ ފޭސް 2 އެވެ.
މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަހައްދުގައި ޤާއިމްކުރާ މި 4 ސްޓޭޝަނުން ފޯނު މެދުވެރިކޮށް ވައިގެ ކޮލިޓީ ބެލުމުގެ އިތުރުން، ވައިގެ ފެންވަރާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތުތައްވެސް ލިބިގެންދާނެ ކަމަށެވެ.