ނަރުސްކަމުގެ ދާއިރާއިން ފަރުވާތެރިކަމާއެކު ތައުލީމު ހާސިލްކުރުމަކީ މާދަމާ ޚިދުމަތަށް ނިކުންނައިރު އޭގެ ފައިދާ ފެންނާނެކަމެއް: ޙަލީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ނަރުސްކަމުގެ ދާއިރާއިން ފަރުވާތެރިކަމާއެކު ތައުލީމު ހާސިލްކުރުމަކީ މާދަމާ ޚިދުމަތަށް ނިކުންނައިރު އޭގެ ފައިދާ ފެންނާނެކަމެއް: ޙަލީމް

ނަރުސްކަމުގެ ދާއިރާއިން ފަރުވާތެރިކަމާއެކު ތައުލީމު ހާސިލްކުރުމަކީ މާދަމާ ޚިދުމަތަށް ނިކުންނައިރު އޭގެ ފައިދާ ފެންނާނެ ކަމެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ޙަލީމް ވިދާޅުވީ ނަރުހުންގެ ޚިދުމަތަކީ ޞިއްޙީ ޚިދުމަތުގެ އެންމެ މުހިންމު އެއް ތަނބަށްވާއިރު، އެ ޚިދުމަތުގެ އަގުވަޒަންކޮށް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. ނަރުސްކަމަކީ އިންސާނިއްޔަށްޓަކައި ކުރެވޭ މަތިވެރި ޚިދުމަތެއްކަން ފާހަގަކުރައްވަމުން، އެއީ އިންސާނުންގެ ފުރާނަޔާއި ގުޅިފައިވާ މުހިންމު ދާއިރާއަކަށްވާއިރު، މި ދާއިރާއިން ފަރުވާތެރިކަމާއެކު ތައުލީމު ހާސިލްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް އިތުރަށް ވިދާޅުވީ، މިއީ ފެންވަރު ރަނގަޅު، ކަމަށް ކަމޭހިތާ ނަރުހުންތަކެއް ޚިދުމަތާ ގުޅުމުގެ އެންމެ މުހިންމު އެއް ފިޔަވަހި ކަމަށެވެ. މީގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް ލިބިދޭ ޞިއްޙީ ފެންވަރު މަތިވެ، ރާއްޖޭގެ ޞިއްޙީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދިޔުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަރުހުންގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ، ބަލިމީހާ ހޮސްޕިޓަލަށް އަންނަ ހިސާބުން ފެށިގެން ޑިސްޗާޖު ކުރަންދެން ގާތުން ޚިދުމަތްދީ، ބަލިމީހާގެ ހޮސްޕިޓަލް ތަޖުރިބާއަކީ ހިތްހަމަޖެހޭ އޯގާތެރި ތަޖުރިބާއަކަށް ހެދުމުގެ އެންމެ އަސާސީ ދައުރު އަދާކުރަނީ ނަރުހުން ކަމަށެވެ.

ނަމަވެސް، ނަރުހުންގެ ދައުރު ފުޅާވެފައިވާއިރު، މި ދާއިރާއިން ތަމްރީނުވާ ނަރުހުންގެ އަދަދާ އަޅާބަލާއިރު ޚިދުމަތާ ގުޅޭ ނަރުހުންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއް ކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން