މެންބަރުން ޕާޓީ ބަދަލުކުރުން ގޮނޑިގެއްލޭ އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 1ސ
މެންބަރުން ޕާޓީ ބަދަލުކުރުން ގޮނޑިގެއްލޭ އިސްލާހު ބާތިލުކުރަންޖެހޭ ސަބަބެއް ނެތް: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ހަވަނަ އިސްލާހު ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި ނިންމުމާއެކު، އެ އިސްލާހު ތަސްދީގުކުރެވުނު ފަހުން މިހާރު ތިއްބެވި މަޖިލިސް މެންބަރުން ކުރައްވާ އަމަލުތަކުގެ މައްޗަށްވެސް އެ ގާނޫނު ހިނގާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން، ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ. މި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވަނީ، އިންޑިޔާގެ ސުޕްރީމް ކޯޓުން ބޭނުންކުރާ "ބޭސިކް ސްޓްރަކްޗާ" ޑޮކްޓްރިން ނުވަތަ އަސާސީ އޮނިގަނޑުގެ ގާއިދާއަށް ރިއާޔަތްކުރައްވާފައެވެ.

އުއްތަމަފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ގާނޫނުއަސާސީގައިވެސް އަސާސީ އޮނިގަނޑުގެ ގޮތުގައި ބެލެވޭނެ ކަންތައްތަކެއް ހުރި ނަމަވެސް، އިންޑިޔާގައި އެ ގާއިދާ އުފަންކުރި ތާރީހީ ސަބަބުތަކަށް ބަލާއިރު ރާއްޖޭގައި އެފަދަ ގާއިދާއެއް އުފަންކުރަންޖެހޭ ސަބަބެއް ނެތެވެ. އަދި ގާނޫނުއަސާސީގެ އަސާސީ އުސޫލުތަކަށް ހިމާޔަތް ދޭން ބޭނުންނަމަ، މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކޮށްގެން އެކަން ކުރެވިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރާ އުސޫލަކީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް ހާއްސަ ސިފައެއް ނޫންކަން ފާހަގަކުރައްވައި، ނައިޖީރިއާއާއި ކެންޔާ ފަދަ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައިވެސް މި އުސޫލު ތަންފީޒުކުރާކަން އުއްތަމަފަނޑިޔާރު ބަޔާންކުރެއްވިއެވެ. ރާއްޖެ ފަދަ ރިޔާސީ ނިޒާމެއްގައި މިފަދަ އުސޫލެއް ތަތުބީގު ނުކުރެވޭނެ ކަމުގެ އެކަށީގެންވާ ހުއްޖަތެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައެއް ނުވެއެވެ.

ކުރިން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވައި، އުއްތަމަފަނޑިޔާރު ވިދާޅުވީ އެއީ އަސާސީ ހައްގުތައް ހަނިކުރާ ގާނޫނެއް ނޫން ކަމަށް ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، އެ ނިންމުމާ ދުރަށް ގޮސް އައު އުސޫލެއް އުފަންކުރަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް މި މައްސަލައިގައި ފެންނަން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވަނީ ކަނޑައަޅުއްވާފައެވެ.

މިއަދު އޮންލައިން