ހިތަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޓިކެޓް ކައުންސިލަރު އަހުމަދު ސައީދަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހިތަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޓިކެޓް ކައުންސިލަރު އަހުމަދު ސައީދަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކަށް، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދު ހަމަޖައްސައިފިއެވެ.

ކޮންގްރެސް ޕާޓީން މިގޮތަށް ނިންމާފައިވަނީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ މެންބަރު މުޙައްމަދު ސިނާން، އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތުމުން ޕާޓީގެ ޓިކެޓް ސައީދަށް ދޭން ނިންމާފައިވާ ކަމަށެވެ.

ސިނާން މިއަދު ވިދާޅުވީ އޭނާ އިންތިޚާބުގައި ވާދަނުކުރަން ނިންމެވީ ކޮންގްރެސް ޕާޓީއަށް އެ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން ބޭއްވި ޕްރައިމަރީގައި ސިނާން ވަނީ ބޮޑު އަޣުލަބިއްޔަތަކުން ޓިކެޓް ކާމިޔާބު ކުރައްވާފައެވެ.

އަހުމަދު ސައީދަކީ މިހާރުވެސް އައްޑޫ ސިޓީ ކައުންސިލްގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ކައުންސިލަރެކެވެ. ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

މިއަދު އޮންލައިން