ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިޔުމަކީ އޭގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިޔުމަކީ އޭގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް: ޑރ. ޝަހީމް

ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިޔުމަކީ އޭގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ވަޒީރު ޑރ. ޝަހީމް ޢަލީ ވަނީ ދަސްވެނިވި ދަރިވަރުންނަށް މުހިންމު ނަސޭހަތްތަކެއް ދެއްވާފައެވެ. ވަޒީރު ވިދާޅުވީ ދަސްވެނިވާ ކުދިންނަކީ މަސައްކަތަށް މުރާލި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ވަޒީފާގެ މައިދާނަށް ނުކުންނަ އިރު، އެންމެ ބޭނުންވާ ވަޒީފާ ފުރަތަމަ ނުލިބިދާނެކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، ތިރިން ފެށިގެން މައްޗަށް ދިއުމަކީ ގިނަ ތަޖުރިބާތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިޔުމަކީ އޭގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޢިލްމު ލިބިފައިވާ މީހުންނަކީ އޯގާތެރި ބަޔަކަށް ވާންޖެހޭނެކަން ފާހަގަކުރައްވަމުން، ދަސްވެނިވި ދަރިވަރުން ޢިލްމު ހޯދި މުވައްސަސާތަކާ ގާތް ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެމްއެންޔޫއިން ހޯދަމުންދާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ ޔުނިވަރސިޓީން ޢިލްމީ ގޮތުން އުސްމިންތަކަށް ދަތުރުކުރަމުން ދަނީ ވަރަށް މުރާލިކަމާއެކުގައި ކަމަށެވެ.

ދަރިވަރުންގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ތިޔަ ދަރިވަރުން ދަސްވެނިވެގެންދާއިރު މި އިލްމީ ކިއްލާއާއި ގާތް ގުޅުމެއް ބާއްވަން ވާނެ. އެއީ ވަރަށް މުހިންމުކަމެއް. މާދަމާ ތިއިން ކުއްޖަކު ވެދާނެ ރައީސަށް. ނުވަތަ ބޮޑު ވަޒީރަކަށް. ނޫނީ ވަޒީރަަކަށް. ތިކުދިންނަކީ އަބަދުވެސް އުންމީދާއެކީ މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެ،" ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ހުރިހާ ދަރިވަރުންނަކީ ވެސް އަބަދުވެސް އުންމީދާއެކު މަސައްކަތްކުރާ، ޤައުމަށް ފައިދާހުރި ބަޔަކަށް ވުމަށް ބާރުއަޅުއްވަމުންނެވެ.

މިއަދު އޮންލައިން