ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ތެލުގެ ރިޒާވެއް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް ބަލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ތެލުގެ ރިޒާވެއް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް ބަލަނީ

ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާ ކުރެވޭ ގޮތަށް ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ ދެ ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ ރިޒާވް ޤާއިމް ކުރުމަށް މާލީ ވުޒާރާއާއި އިޤްތިޞާދީ ވުޒާރާ އަދި އެސްޓީއޯއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި މަޝްރޫޢަކީ ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ތެޔޮ ލިބުމަށް ކުރިމަތިވެދާނެ ދަތިތަކަށް ދުރާލާ ތައްޔާރުވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެކެވެ.

މި ރިޒާވް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މާލެ ސަރަޙައްދުން ބަލަމުންދާ ދެ ފަޅުގެ ސަރވޭތައް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ސަރވޭތަކަށްފަހު ޑިޒައިންގެ މަސައްކަތްތަކާއި، ފައިސާ ހޯދާނެ ގޮތްތަކުގެ އިތުރުން ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

"ތެލުގެ ރިޒާވް ހުންނަން ޖެހޭ. ފައިނަލް ޕްލޭން އެކުލަވާލާއިރު ސްޓޮކް ބެހެއްޓޭނެ މިންވަރާ ގުޅޭގޮތުންވެސް ޕްލޭންތައް ހަދާނެ،" ވަޒީރު ޒަމީރު ވިދާޅުވިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ޕްލޭން ބައްލަވައި، ނިންމަވާ ގޮތެއްގެ މަތިން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިގޮތުން ޤާއިމްކުރާ ރިޒާވްގެ ސަބަބުން ބޭރުގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކުއްލި ލޮޅުންތަކުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން