ސްރީލަންކާގައި ތާށިވެފައި ހުރި 2500 އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި އަންނަ ހަފުތާގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔޭގެ ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމުގައި ކުރިމަތިވަމުންދާ ދަތިތައް ޙައްލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި މިހާރު އޮތް ލޯޑު ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގައި މުދާ ތާށިވާން ދިމާވި ނަމަވެސް، ކުރިއަށް އޮތް ހަފުތާގައި އެ ތަކެތި ރާއްޖެ ގެނައުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ" ކަމަށެވެ.
މި މުދާތައް ރާއްޖެއަށް ލިބުމުން ބާޒާރުގައި މުދާ ލިބުމަށް ހުރި ދަތިތަކަށް ލުޔެއް ލިބި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.