މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، ދިވެހި މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ އަމާޒަކީ މަސްވެރިކަން ކުރުމުގެ ލައިސަންސް އޮތް ހުރިހާ އުޅަނދުތަކަކަށްވެސް، މަހަށް ފުރޭނެ ފަދަ އެކަށީގެންވާ އަގެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ ކުރިން މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުން އައީ ރާއްޖޭގެ 4 ސަރަހައްދަކުން ކަމަށްވީ ނަމަވެސް، މިހާރު އެ ހިދުމަތް އިތުރު 9 ސަރަހައްދަކަށް ފުޅާކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު، މަސްވެރިންނަށް ތެޔޮ ހޯދުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މަސްވެރިކަން މިވަގުތު ރަނގަޅު ސަރަހައްދުތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ، "މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު އިތުރު 9 ސަރަހައްދަކުން މިވަނީ ތެޔޮ ފޯރުކޮށްދޭން ފެށިފައި. ދެން މިވަގުތު މަސްވެރިކަން އޮތް އަތޮޅުތަކަށް ބަލާއިރު ލ، ތ، މ، މި ތިން އަތޮޅަށް ސޮލިއުޝަންއެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލެމުންދަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. މިފަދަ ހާލަތެއްގައިވެސް މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.