ޢިބްރަތްތެރި ވާހަކަ: ވީގޮތެއް ނޭނގި ގެއްލުމުންވެސް ފިރިމީހާއަށާ އަމިއްލަ ނަފުސަށް އިތުބާރުކޮށް 22 އަހަރު ކެތްތެރިވި އަންތބަކަށް ފިރިމީހާއާ ބައްދަލުވެ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
ޢިބްރަތްތެރި ވާހަކަ: ވީގޮތެއް ނޭނގި ގެއްލުމުންވެސް ފިރިމީހާއަށާ އަމިއްލަ ނަފުސަށް އިތުބާރުކޮށް 22 އަހަރު ކެތްތެރިވި އަންތބަކަށް ފިރިމީހާއާ ބައްދަލުވެ އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

ފިރިމީހާއަށްޓަކާ ޤުރްބާންވާނެ އަނބިން މިހާރުވެސް ތިބޭނެތޯ؟ މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ. ޖަވާބަކީ ބައިވެރިޔާއަށްޓަކާ ޤުރުބާންވާ އަނބިންވެސް ފިރިންވެސް މިހާރުވެސް އެބަތިއްބެވެ.  

ވިސްނަވައިލައްވާށެވެ! ފިރިމީހާގެ އެއްވެސް ޚަބަރެއްނުވެ 22 އަހަރު ފާއިތުވާއިރުވެސް އިތުރު ކައިވެންޏެއް ނުކޮށް ފިރިމީހާއަށް އިންތިޒާރުކޮށް ދުޢާކުރުންމަތީގައި އިނުމަކީ ޤުރްބާނީގެ ތެރެއިންވެސް ވަރުގަދަ ޤުރްބާނީއަކަށް ނުވާނެތޯއެވެ؟  

ކަމެއް ދިމާވުމުން އެކަން އެންމެ ނުބައި ގޮތަށް ވިސްނުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ސަބަބަކީ ތެދުވެރިކަން ގެއްލި ޚިޔާނާތްތެރިކަމާއި މަކަރުވެރިކަން މާބޮޑަށް ކުރިއަރައިދިއުމެވެ. ވީމާ ކަމެއް ދިމާވުމުން ރަނގަޅު ވިސްނުމަކުން ވިސްނުންވެސް ނެތިގެންދަނީއެވެ.  

ދިރިއުޅުމުގައި އެންމެ މުހިންމު ކމަކީ ދެމަފިރިން އެކަކު އަނެކަކަށްކުރާ އިތުބާރެވެ. އެއިތުބާރު އުފެދި ދެމިއޮންނަނީ އެކަން އެގޮތަށް ދެމިއޮންނާނެ ގޮތަށް ދެމީހުންނަށްވެސް ކަންކަން ކުރެވުނީމައެވެ.

ތިރީގައިވާ ވާހަކައަކީ ފިރިމީހާއަށް އަނބިމީހާ ކުރި އިތުބާރުގެ ބޮޑުކަމާއި އެކަން އެގޮތަށް ވުމަށް މެދުވެރިވި ސަބަބު ވަރަށް ރަނގަޅަށް އަންގައިދޭ ވާހަކައެކެވެ. ލޯބިން ދިރިއުޅޭނަމަ ޙާޞިލް ނުކުރެވޭނެ ކަމެއް ނެތްކަން އަންގައިދޭ ވާހަކައެކެވެ.  

ވާހަކަ ވިދާޅުވެލައްވާށެވެ!  

ކައިވެންޏަށްފަހުގައިވެސް އަހަރެމެން ދެމަފިރިން ދިރިއުޅެމުން އައީ ވަރަށް ލޯބިންނެވެ! ދަރިއަކު ލިބުމުން ގިނަ ކައިވެނިތަކުގައި ލޯބި ދުރުހެލިވި ނަމަވެސް އަހަރެމެންގެ މެދުގައި އެކަންވެސްވީ އެގޮތަކަށް ނޫނެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވީއެވެ.

އެފަދަ ގޮތަކަށް ދިރިއުޅެމުން އައިސް ދަރިފުޅުގެ އުމުރުން 6 އަހަރުގައި އެއްދުވަހު ފިރިމީހާ މަސައްކަތު ދިއަގޮތަކަށް އެނބުރި ނާދެއެވެ. ފޯނަކަށްވެސް ނުގުޅެއެވެ. އެންމެންވެސް ބުނީ ފިރިމީހާ ފިލީ ކަމަށެވެ. ނަމަވެސް އެކަން އަހަރެން ޤަބޫލެއް ނުކުރަމެވެ. އަހަރެންނަށް ހަމަ ޔަޤީންކުރެވުނީ ކޮންމެވެސް ކަމެއް ކުރިމަތިވީ ކަމަށާއި ދެމީހުން އަދި ބައްދަލުވާނެ ކަމަށެވެ.  

ފިރިމީހާ ގެއްލުނުތާ ނުވަތަ ޚަބަރެއް ނުވާތާ އަހަރު ދެއަހަރުވެގެންދިއުމުން އަހަރެންގެ ކައިވެންޏަށް އެދިގެން އެތައް ބައަކު އައެވެ. ނަމަވެސް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެއީ އެހެން ފިރިހެނެއްގެ ހަށިގަނޑު އަހަރެންގެ ގައިގައި ބީހިލަންވެސް ބޭނުން ނުވާތީއެވެ. އެހައިވެސް ބޮޑަށް ފިރިމީހާ ދެކެ ލޯބިވާތީއެވެ. އަދި އޭނާވެސް އަހަރެންދެކެ ހަމައެހައި ބޮޑަށް ލޯބިވާކަން އެނގޭތީއެވެ.  

އަހަރުތައް ފާއިތުވަމުން ދެއެވެ. ދަރިފުޅު ޔުނިވަރސިޓީންވެސް ނިމިއްޖެއެވެ. ރަނގަޅު ވަޒީފާއެއް ލިބިއްޖެއެވެ. ވަޒީފާއަދާކުރާ ކުންފުނިން އޭނާ ދިރިއުޅޭނެ އެޕާޓްމަންޓެއްވެސް ދިނެވެ. އެހިސާބުން ދެމައިން ވަކިން އެކަނި ދިރިއުޅެން ފެށީއެވެ. އެއީ ކިތަންމެ ބޭނުން ނޫން ގޮތެއް ނަމަވެސް އޮފީހާއި ގެ ދުރުކަމުން އެކަން އެގޮތަށް ނުކޮށް ފަރުޖެއްސޭނެ ގޮތެއް ނެތެވެ.  

އާދައިގެމަތިން ހޮނިހިރު ދުވަހެއްގައި ދަރިފުޅުގާތަށް ދިއައިމެވެ. އަޅުގަނޑުގެ އަތުގައިވެސް ތަޅުދަނޑިއެއް އޮންނާތީ ދަމަކުން ނުވެސް ގުޅަމެވެ. ގޮސް ދޮރުހުޅުވައިލުމުން ދިއައީ ސިއްސައިގެންނެވެ. ސޯފާގައި އެތިބީ ފިރިމީހާ އާއި ދެބަފައިންނެވެ. ލިބުނު އުފަލުގެ ބޮޑުކަމުން ދުއްވައިގަނެވުނެވެ. އޭނާވެސް އަހަރެންނާއި ދިމާއަށް އައެވެ. ދެމީހުންނަށް އޮޅުލައި ގަނެވިއްޖެއެވެ.  

އިރުކޮޅަކުން ފިރިމީހާ އޭނާގެ ވާހަކަ ކިޔައިދިނެވެ. "އޮފީހުގައި އޭނާހުރި މަޤާމަށް ދަހިވެތިވެގެން އުޅުނު މީހަކު އޭނާ މަރާލަން ރާވާކަން އެނގުނީމާ ފިލަން މަޖުބޫރުވީއެވެ. ގޭގައި އުޅެނިކޮށް ގޭގައި ހުޅުޖަހައިފާނެކަމަށް ގެއަށްވެސް ނުދިއައީއެވެ.  

ވަރަށް ދުރުރަށެއްގައި މަސައްކަތްކުރަން އުޅެނިކޮށް ބަލިވީމާ ވަޒީފާ ގެއްލި ސަލާން ޖަހަން މަޖުބޫރުވީއެވެ. ދެން ފަހަރެއްގައި ކަލޭ އެހެން ކައިވެންޏެއް ކޮށްގެން އުޅެފާނެތީ އެކަން ދެކެން ބޭނުންނުވާތީ ގެއަށް ނުދިއައީއެވެ. ދަރިފުޅާއި ބައްދަލުވީ މަގުމަތީގައި ސަލާންޖަހަމުން ހިނގަނިކޮށެވެ. ދަރިފުޅުކަން މިއެނގުނީ މިވަގުތުއެވެ. އޭނާ އަހަރެން މިގެއަށް ގެނެސް ގޭގައި ބެހެއްޓީ އަހަރެންނަކީ ކާކުކަން އެނގިގެނެއް ނޫނެވެ. ސަލާންޖަހާ މީހަކަށް އެހީތެރިވުމަށެވެ. އަހަރެންވެސް މިއުޅުނީ އެއީ ދަރިފުޅުކަން އެނގިގެނެއް ނޫނެވެ." 

އެހެން ބުނެފައި އެހައި ހިތްހެޔޮ ދަރިއެއްގެ ތަރުބިއްޔަތުކުރީތީ ވަރަށް ތަޢްރީފްކުރިއެވެ.   

ކޮންމެއަކަސް 22 އަހަރުފަހުން އަޅުގަނޑަށް ފިރިމީހާ ލިބުނީއެވެ. ދަރިފުޅަށް ބައްޕަވެސް ލިބުނީއެވެ. އާއިލާ ގުޅުނީއެވެ. ނިންމާލަމުން އެއްކަންތައް ފާހަގަކުރާނަމެވެ. އަޅުގަނޑު ހަމައެކަނި ފިރިމީހާއަށް އިންތިޒާރުކުރީއެއް ނޫނެވެ. ފިރިމީހާ އަނބުރާ ދެއްވެވުން އެދި ދުޢާކުރުން ހުއްޓައެއް ނުލަމެވެ. ތަސްބީޙް ގުނާހެން އަބަދުވެސް ހުރެވުނީ ދުޢާކުރުންމަތީގައެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްމިލީ ލޯބީގައި ތެދުވެރިންނަށް ހަދިޔާއެއްގެ ގޮތުންނެވެ. އަހަރެމެންނަށް މިވެވެނީ ހަމަ ލޯބިތޯ ސުވާލުކޮށްލަންވެސް ބޭނުމެވެ.

 

- ޝައުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން