ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއަށް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ހަވާލުކުރެވޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެ ކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވާފައިވަނީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެކުންފުނިން ވަނީ ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިހާރު ފަށާފައެވެ.
ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލު ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެއްކޮށް އެ ކުންފުންޏާ ހަވާލުކޮށް ނިންމާލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭސް ލިބުމުގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ރާއްޖެއިން ނުލިބޭ ބޭސްތައް އައިޖީއެމްއެޗުގައި ހުރި ފާމަސީއަށް ގެނައުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއިން ކުރަމުންދާނެ ކަމަށެވެ. މީގެ އިތުރުން ބޭސް ސިޓީ ލިބޭތާ 14 ދުވަހުގެ ތެރޭގައި ބޭސް ލިބޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ބޭނުންވާ މަޢުލޫމާތު ދިނުމާއި، މިހާރު ހުރި ދަތިތައް ރައީސް މި އެޅުއްވި ފިޔަވަޅާއެކު ޙައްލު ވެގެންދާނެ. ހުރިހާ ބްރޭންޑެއްގެ މެޑިސިންއެއް މާކެޓުގައި ނުހުރޭ. ޖެނެރިކް މެޑިސިން ހުރޭ. އެކަމަށް ޙައްލު ހޯދަދިނުމަށްޓަކައި މަސައްކަތް ކުރަމުންދަނީ. މީގެ ފައިދާ ލިބެން ފަށާނެ،" ވަޒީރު ވިދާޅުވިއެވެ.
މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގެ ބޭސް މާކެޓުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.