މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން (ވީ.އައި.އޭ) 2 މިލިޔަނަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާ ކަމަށް އެ އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ މައި ދޮރާށީގެ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ޖުމްލަ 2.35 މިލިޔަން މީހުން ވަނީ އެއާޕޯޓުން ފުރުމަށާއި ރާއްޖެ އައުމަށް ޚިދުމަތް ހޯދާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަދަދުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކާއި، ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ހޯދި ފަރާތްތައްވެސް ހިމެނެއެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާފައިވަނީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެގޮތުން، ފުރާ މީހުންނާއި ރާއްޖެ އަންނަ މީހުން ހިމެނޭހެން ޖުމްލަ 1.53 މިލިޔަން ފަސިންޖަރުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ޚިދުމަތް ހޯދާފައިވެއެވެ.
މީގެ އިތުރުން، އެއާޕޯޓު މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޑޮމެސްޓިކް ދަތުރުތައް ކުރުމަށް 317,286 މީހުން ޚިދުމަތް ހޯދާފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ސީޕްލޭންގެ ޚިދުމަތް 498,411 މީހުން ހޯދާފައިވާކަން އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ވަނީ ކަށަވަރުވެފައެވެ.