މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މާލޭގައި އައު އޭޓީއެމްއެއް މިއަދު ހުޅުވައިފިއެވެ. މި އައު އޭޓީއެމް ހުޅުވާފައިވަނީ މާލޭގެ އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައެވެ.
މި އޭޓީއެމް ރަސްމީކޮށް ހުޅުވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަޙްމަދު ރިޒާ އެވެ. އެމްއައިބީން ބުނި ގޮތުގައި މި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބިގެންދާނެއެވެ.
މިއީ އާބާދީ ބޮޑު މާލޭ ސިޓީގައި އެ ބޭންކުގެ ޚިދުމަތްތައް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށާއި، ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއައިބީން ފާހަގަކުރެއެވެ.
އަލަށް ހުޅުވި މި އޭޓީއެމަކީ ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ އޭޓީއެމެކެވެ. އެގޮތުން މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ވެސް ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
މާލޭގެ ވިޔަފާރި ބޮޑު ސަރަޙައްދެއްގައި މި ޚިދުމަތް ގާއިމުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގައި އުޅޭ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.