އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެމްއޭސީއެލްއިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ. އެގޮތުން ޖެޓް ފިއުލް ލީޓަރެއްގެ އަގު މި ފަހުން ހުރީ 1.99 ޑޮލަރަށް އުފުލިފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން އެމްއޭސީއެލްއާ އެކު ކުރި މަސައްކަތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ އަގަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށެވެ. މިއީ ކުރީގެ އަގަށްވުރެ 24 ސެންޓުގެ ހެޔޮވުމެކެވެ.

"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި ބަދަލު އައިސްފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައެވެ. ޚާއްސަކޮށް ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭވިއޭޝަން ދާއިރާއަށް ކުރާ އަސަރު ކުޑަކުރުމަށް މި ނިންމުމަކީ މުހިންމު ނިންމުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން