ބ. ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން މީސް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މި ހިނގާ މަހުގެ 7 ވަނަ ދުވަހު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. މިއީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެގޮތުން 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހައި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ އިތުރުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ބަނދަރުގެ 350 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބަނދަރުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އެމްޓީސީސީން ވަނީ ބަނދަރު ސަރަޙައްދުގައި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، އުޅަނދުފަހަރު އެރުވުމަށް ރޭމްޕެއްގެ އިތުރުން ކޮންކްރީޓް ޕްލެޓްފޯރމެއްވެސް ގާއިމުކޮށްފައެވެ. އަދި ބަނދަރުގެ ރައްކާތެރި ކަމަށްޓަކައި ނެރު ބައްތިއާއި ބަނދަރުމަތީގައި ލައިޓްޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.
ބ. ހިތާދޫ ބަނދަރު ބޮޑުކުރުމުގެ މި ބިޔަ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 17.7 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަސައްކަތް ނިމުމާއެކު ހިތާދޫގެ އުޅަނދުފަހަރަށާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.