ރައީސްގެ ލަންކާ ދަތުރުފުޅުގައި ވިސާގެ ދަތިތަކަށް ހައްލު ހޯދުމާއި 7 އެއްބަސްވުމެއްގައި ސޮއިކުރާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރައީސްގެ ލަންކާ ދަތުރުފުޅުގައި ވިސާގެ ދަތިތަކަށް ހައްލު ހޯދުމާއި 7 އެއްބަސްވުމެއްގައި ސޮއިކުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރައްވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މަދުވެގެން ހަތް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވަމުންދާ އިންވެސްޓްމަންޓް ފޯރަމްތަކުގެ ތެރެއިން ފޯރަމެއް ލަންކާގައިވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ފޯރަމާ ގުޅޭގޮތުން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، "އޭގައި އަޅުގަނޑުމެން ރާއްޖޭގައި ވިޔަފާރިވެރިންނާއި ސްރީލަންކާގެ ވިޔަފާރިވެރިންނާ ގުޅުވައިދިނުމުގެ މަސައްކަތްތަކެއް ހިންގާ މިވަގުތު ހުރި މަޝްރޫއުތަކާއި ޕްރޮޖެކްތަކާއި އިންވެސްޓްކުރަން ހުރި ފުރުސަތުތައް ވިދާޅުވެ ދެއްވާނެ ސަރުކާރުގެ ކަމާބެހޭ ބޭފުޅުން" ކަމަށެވެ.

މި ދަތުރުފުޅުގެ ސަބަބުން ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި އާއިލާތަކަށް ދިމާވާ އިދާރީ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި އިޖުތިމާއީ ގުޅުންތައް އައު ހަރުފަތަކަށް ވާސިލްވާނެ ކަމަށް ބެލެވެއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ މި ދަތުރުފުޅު ތާވަލުކުރެވިފައިވަނީ އަންނަ މެއި މަހުގެ 3 އިން 6 އަށެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.

މިއަދު އޮންލައިން