މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 އިންސައްތަ އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ. މިއީ ޒަކާތަށް މީހުން ހޭލުންތެރިވާ މިންވަރު އިތުރުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 34.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އަރާފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވީ، މި ކުއާޓަރުގެ ތިން މަހަށް ވަކިން ބަލައިލާއިރު، ކޮންމެ މަހަކު ވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ދަނީ އިތުރުވަމުންނެވެ. މި މުއްދަތުގެ ތެރެއިން އެންމެ ގިނައިން ޒަކާތް ލިބިފައިވަނީ މާރިޗު މަހުގައެވެ.

މިއަދު އޮންލައިން