ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯގެ މަޤާމުގައި ހުންނެވި މުޙައްމަދު ޙުސެއިން މަނިކު ރިޓަޔަރކުރައްވައިފިއެވެ.
މުޙައްމަދު ޙުސެއިން މަނިކަކީ ދައުލަތުގެ އެކި އިދާރާތަކުގެ އިސް މަޤާމުތަކާއި، މާލީ ދާއިރާގެ މުހިންމު މަޤާމުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް އައްޔަންކުރެވުނީ 2021 ވަނަ އަހަރުގައެވެ.
އޭނާ ރިޓަޔަރ ކުރެއްވުމާ ގުޅިގެން ސީއެމްޑީއޭއިން ވަނީ އޭނާ އެ އޮތޯރިޓީއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ. ސީއެމްޑީއޭއިން ވިދާޅުވީ "ކެޕިޓަލް މާކެޓް ކުރިއެރުވުމަށާއި، ދެފުށް ފެންނަ، ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމުގައި އެ އޮތޯރިޓީގެ ދައުރު ވަރުގަދަކުރުމަށް ބޮޑެތި އެހީތެރިކަމެއް މުޙައްމަދު ޙުސެއިން މަނިކުގެ މޭސްތިރިކަމުގެ ދަށުން ލިބިގެން ގޮސްފައިވާ" ކަމަށެވެ.
މުޙައްމަދު ޙުސެއިން މަނިކު ރިޓަޔަރ ކުރެއްވިއިރު، އޭނާ ވަނީ ރާއްޖޭގެ މާލީ ބާޒާރު ހަރުދަނާކުރުމަށާއި އިޤްތިޞާދީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.