މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު އަނަސް އައްޔަނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު އަނަސް އައްޔަނުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް މިއަދު އައްޔަނުކޮށްފިއެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަނަސް އައްޔަނުކުރައްވާފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ފަރުޙަތު ޝަޙީރު މަޤާމުން އިސްތުފާދެއްވުމާ ގުޅިގެންނެވެ.

މިފްކޯގެ ހިންގުމާ އަލަށް ހަވާލުވެވަޑައިގެންނެވި މުޙައްމަދު އަނަސްއަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކުގެ އިތުރުން، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެކެވެ.

އަނަސް ވަނީ މީގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) ގެ ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ. އެ މަޤާމުގައި ހުންނެވިއިރު، ދިވެހިރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓަރކުރުމުގެ އިސް ޒިންމާތައް އޭނާ ވަނީ އުފުއްލަވާފައެވެ.

މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސަރުކާރުގެ ކުންފުންޏަށްވާއިރު، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އަނަސްގެ ތަޖުރިބާގެ ބޭނުން ހިފޭނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން