މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 41ސ
މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއް: ރައީސް

ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، ޢަދުލުވެރި ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

އެގޮތުން، ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް، ސަރުކާރުން އިސްނަންގަވައިގެން ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ މޭވާ ލިބެންފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްޞަ މަސައްކަތްތައް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރަށް ވާނޭކަންވެސް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ފަންތީގެ މަސައްކަތްތެރީންނަށް، އެތައް އަހަރެއް ވަންދެން ޙައްލު ނުލިބިފައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރިކަންވެސް އެމަނިކުފާގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ޒަމާނާ އެކު ބަދަލުވެ، ބަވަނަވަމުންދާ ދުނިޔޭގައި، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވައި، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު ޢަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބު

ދިވެހި ޤައުމަށް ފައިދާހުރި ކޮންމެ މަސައްކަތެއްކޮށްދެއްވާ ހީވާގި ޚިދުމަތްތެރިއަކަށްމެ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސް މިކުރަނީ، ދުޅަހެޔޮކަމާއި ކާމިޔާބީއަށް އަދި ﷲގެ ރަޙްމަތާއި ބަރަކާތަށް އެދެމުންނެވެ.

ބިންމަތީގައި ޚަލީފާއަކު ކަމުގައި އިންސާނާ ލައްވައި، އެތައް ދިރުމަކާއި ތަކެއްޗެއް ކިޔަމަންކޮށްދެއްވީ ބިން އާރާސްތުކުރުމުގެ މުހިންމު މަސްއޫލިއްޔަތާއެކުއެވެ. އެހެންކަމުން، ތެދުމަގު ދެއްކެވުމަށް ފޮނުއްވި ކޮންމެ ރަސޫލަކާއި ނަބިއްޔެއްގެ ސީރަތުންވެސް ފެންނާން އޮތް ޙަޤީޤަތަކީ، މަސައްކަތްކުރުމަކީ ޘަވާބު ލިބެނިވި މަތިވެރި އަޅުކަމެއް ކަމެވެ.

ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުއްޓެވެ. ޒަމާނުގެ އޮއިވަރަށް މިއައި ބަދަލުތަކާއި، ދަރުތުފަތުރާއި މުވާޞަލާތު މިދެކޭ ހަލުވި ގުޅުންތަކާއެކު، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެކެވެ.

ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން މި ގެންގުޅެނީ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެކެވެ.

މިގޮތުން، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފީމެވެ. ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ފަށައިފީމެވެ. އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފީމެވެ. އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެދަނީ ޢާއިލާތައް ހިނިތުންކުރުވަމުންނެވެ. ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަޤްވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށައިފިއެވެ.

މަސައްކަތެއް ނުލިބި ހަވާސާވެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ޤައިދީންނަށްވެސް އެ ފުރުޞަތު މިދަނީ ފަހިކޮށްދެމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ޚާއްޞަ ޕުރޮގުރާމް ހަލުވިކަމާއެކު ހިނގަމުންދާއިރު، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދޭން، އަޅުގަނޑުވީ ރިޔާސީ ވަޢުދާ އެއްގޮތަށް ހުޅުވައިލެވިއްޖެއެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެވެ. މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެއެވެ. ވަކީން ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް އަޅުގަނޑުމެން ޙައްލު ހޯދައިދީފީމުއެވެ. މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށައިފީމެވެ.

މިއިން ކޮންމެ ކަމަކުން ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދެމުންދާއިރު، ތާރީޚުގައިވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެގިނައިން ފެންނަންހުރީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައެވެ. ފާހަގަކުރަމުންމިދާ ދިވެހި އުފެއްދުންތެރިކަމުގެ އަހަރާއެކު މިފަހަރުގެ މަޢުރަޒު އިރާދަކުރެއްވިއްޔާ އަދި މާ ކާމިޔާބުވާނެއެވެ.

މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެއެވެ. ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް މިކަންވެސް ގެންދެވެން ފަށައިފިއެވެ. ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި ޢަމަލީސިފަ މިދަނީ ގެންނަމުންނެވެ.

އަޅުގަނޑު އެދެނީ، ވަޒީފާއާއި މަސައްކަތުގެ ފުރުޞަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މި މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމެވެ. މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތުމެވެ. 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްޤީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ހިފާފައިމިވާ އަމާޒަށް ޤައުމު ވާޞިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށްކަމާމެދަކު ކުޑަވެސް ޝައްކެއްނެތެވެ.

މިއަދު އޮންލައިން