މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ހުރިހާ ސެގްމަންޓެއް އެކީގައި ނިންމާލުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. މިއީ ކުރިން އެ ކުންފުނިން މަސައްކަތް ރާވާފައި އޮތް ގޮތަށް އައި ބަދަލެކެވެ.
ކުރިން ނިންމާފައި އޮތީ ސެގްމަންޓް 5 ގައި ތާރުއަޅާ ނިންމުމަށްފަހު، ދެން ހުރި ސެގްމަންޓްތަކުގެ މަސައްކަތް ވަކިވަކިން ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް މިހާރުގެ ޕްލޭނަކީ ހުރިހާ ސެގްމަންޓެއްގެ ތާރުއެޅުމުގެ މަސައްކަތް އެއްފަހަރާ ނިންމާލުން ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް އޮތް ސެގްމަންޓް 5 ގެ ހުރިހާ މަސައްކަތެއްހެން މިހާރު ވަނީ ނިމިފައެވެ. މިވަގުތު އެ ސަރަޙައްދުގައި ކުރިއަށްދަނީ ސައިޑްވޯކް ނުވަތަ ދުވާރު ހެދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ނުނިމި ހުރި ބާކީ 3 ސެގްމަންޓުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން ޝަރްވަސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ކީވޯލްގެ މަސައްކަތާއި، ފެނާއި ނަރުދަމާ ހޮޅި ވަޅުލުމުގެ އިތުރުން އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 522 ޝީޓް ޕައިލްކުރަން ޖެހޭއިރު، އޭގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
މަގު ބޭނުންކުރުމާ ގުޅޭގޮތުން ޝަރްވަސް ވިދާޅުވީ، "މި މުއްދަތުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް މަގު ހުޅުވާލާނަށް. ތާރު އަޅަން ކައިރިވީމަ އަނެއްކާވެސް ބަންދުކުރާނީ. އެއަށްފަހު ތާރު އަޅާ ނިމުމާއެކު އަނެއްކާވެސް ހުޅުވާލާނެ،" ކަމަށެވެ. އަދި މަގު ބަންދުކޮށްފައި އޮންނަ މުއްދަތުގައި ކޮންމެހެން ޚިދުމަތް ދޭންޖެހޭ އޮފީސްތަކުގެ ވެހިކަލްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާނެ ނަމަވެސް، އާންމު އުޅަނދުތަކަށް އެ ފުރުޞަތު ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.