ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް ހުރަސްއެޅުން، ރާއްޖެއިން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް ހުރަސްއެޅުން، ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅި އަމަލު، ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރާއްޖެއިން މިކަން ކުށްވެރިކޮށްފައިވަނީ އިތުރު 10 ޤައުމަކާ ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ.

މި ބަޔާނުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއެވެ. މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށެވެ.

ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ އުޅަނދުތަކަށް އިސްރާއީލުން ދިން ޙަމަލާއާއި އިންސާނީ އެހީތެރިން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން އިސްރާއީލުން ނިގުޅައިގަނެފައިވާ ކަމަށް ޤައުމުތަކުން ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހައްޔަރުކޮށްފައިވާ މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ޙިމާޔަތް ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ޒިންމާދާރުވުމަށްވެސް ވަނީ ބާރުއަޅާފައެވެ.

"މިފަދަ އިންސާނީ މަސައްކަތަކަށް ހުރަސް އެޅުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން،" ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސް އަޅާފައިވަނީ، ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

މިއަދު އޮންލައިން