އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މެއި 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައެވެ.

އެސްޓީއޯއިން މައުލޫމާތު ދެއްވާ ގޮތުގައި މި ޖަލްސާ އޮންނާނީ ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގެ ފޭދޫ ހޯލްގައެވެ. މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތަކާއި ތަފާސް ހިސާބުތައް ފާސްކުރުމެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި، ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ފާސްކުރުން ވެސް މި ޖަލްސާގެ އެޖެންޑާގައި ހިމެނެއެވެ.

ހިއްސާގެ ފައިދާ އާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، ފައިދާ ލިބޭނީ މިއަހަރުގެ އެޕްރީލް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ. އެ ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ވަނީ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.

އެސްޓީއޯއިން އިތުރަށް ވިދާޅުވީ، ޝާއިޢުކޮށްފައިވާ އެއްވެސް މައުލޫމާތަކާ ގުޅޭގޮތުން ސުވާލެއް އޮތްނަމަ، ހިއްސާދާރުންގެ ޕޯޓަލް މެދުވެރިކޮށް އެ ސުވާލުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

މިއަދު އޮންލައިން