ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވާނަން: ވަޒީރު އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވާނަން: ވަޒީރު އިޙްސާން

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނެސް، އެމީހުންގެ ނާޖައިޒު ފައިދާ ނެގުން ނުވަތަ އެކްސްޕްލޮއިޓްކުރުން ހުއްޓުވުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައަކީ މަސައްކަތްތެރިން ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން އިސްކަންދޭ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ޙައްޤުގައި މިހާތަނަށް ވަކާލާތު ކުރެވިފައިވާ ކަންކަމަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން، ދިވެހިންނަށް މަސައްކަތްތެރި މާޙައުލެއް ކަށަވަރުކޮށްދީ، އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށް، ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނޭސްދިނުން" އަކީ ސަރުކާރުގެ މަޤްޞަދެއް ކަމަށެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހަކީ ޤައުމު ބިނާކުރުމުގައި މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ ދުވަހެއް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، ހުރިހާ ފަރާތްތަކަށްވެސް އަމާން މަސައްކަތުގެ މާޙައުލެއް ބިނާކުރުމަށެވެ.

މިއަދު އޮންލައިން