ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ކޮންމެ މަސައްކަތްތެރިއެއްގެ ޚިދުމަތަކީ ޤައުމަށް މުހިއްމު އަގުނުކުރެވޭވަރުގެ ޚިދުމަތްތަކެއްކަމަށް، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.
މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާއާ ގުޅިގެން، ވަޒީރު ހީނާ ވަލީދު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ބާވަތުގެ މަސައްކަތް ކުރައްވަމުންގެންދަވާ ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށްޓަކައި މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރައްވަމުންގެންދަވާ ކޮންމެ ބޭފުޅެއްގެ ޚިދުމަތަކީ ޤައުމަށް އަގުނުކުރެވޭވަރުގެ ޚިދުމަތެއްކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ކުރިމަތިވަމުންދާ ކޮންމެ ދަތިކަމެއް ހައްލުކުރުމަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޢުމްރާނީ ގޮތުން ވިޔަސް، އިޤްތިޞާދީ އަދި އިޖުތިމާޢީ މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކުވެސް އެކުރައްވަނީ ޤައުމަށް މުހިއްމު ޚިދުމަތެއް. އަގުނުކުރެވޭނެ ޚިދުމަތެއް. އެބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަކީ ސަރުކާރުގެ އަމާޒު." ވަޒީރު ވިދާޅުވިއެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމާއި، މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.