މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުވާނެހެން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މަސައްކަތްތެރިންގެ އަގުވަޒަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި ޢާއިލާތަކާއި ދުރުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އެރިސޯޓުތައް ކައިރިން ފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށެވެ. މިއީ ރިސޯޓު މުވައްޒަފުންނަށް ދިމާވެފައިވާ އިޖުތިމާޢީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ދިނުމަށް ކުރެވުނު މަސައްކަތަކީ އެފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ސަރުކާރުން ކުރެއްވި މުހިއްމު މަސައްކަތެއް ކަމަށެވެ. ހަމައެއާއެކު، ސިވިލް ސަރވިސް މުވައްޒަފުންނާއި އެނޫންވެސް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް ކުރެވުނު މަސައްކަތްތަކަކީވެސް މަސައްކަތްތެރިންގެ ކުރިއެރުމަށް އެޅުނު މުހިއްމު ފިޔަވަޅުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސައްކަތްތެރިންގެ ހައްގުތަކާއި އިޤްތިޞާދާ ހުރި ގުޅުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "މަސައްކަތްތެރިންގެ އިޙްސާސްތަކާއި، އެސްޕްރޭޝަންތަކަށް ހައްލު އަންނާނެހެން، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން. މަސައްކަތްތެރިންގެ ހައްގުތަކަށް ކުރެވޭ ކަންކަމާއި މަސައްކަތްތެރިންގެ ހައްގުތައް ވަނީ ޤައުމުގެ އިޤްތިޞާދާއި ގުޅިފައި" ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުން މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކޮށް ކުރިއެރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރި އާބާދީއަށް އިތުރު ކުރިއެރުމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.