ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާ ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފިއެވެ. މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ އުޞޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުގައެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް އެ މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް މާދަމާއިން ފެށިގެން ހުށަހެޅޭނެ ކަމަށެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ އުޞޫލަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން މަރުކަޒުން ވިދާޅުވީ، މި ބަދަލުތަކަކީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، މުބާރާތުގެ ވާދަވެރިކަން އިތުރުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޤްޞަދުގައި ގެނައި ބަދަލުތަކެއް ކަމަށެވެ.
އަލަށް ގެނައި ބަދަލުތަކާއެކު، 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި މިއަހަރުން ފެށިގެން މި މުބާރާތް ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެން، ހަމައެކަނި ފަރުދީ ގޮތުން ބައިވެރިވެވޭ ގޮތަށެވެ.