ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިމެނޭ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްރަށުގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ނޭޗަރ ޕާކު ތަރައްޤީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން ވަރަށް ގިނަ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު، އެންމެ މަތިން މާކުސް ލިބުނު 10 ރަށުގައި މަސައްކަތް ފެށުމުގެ މަރުހަލާއެވެ.
ނޭޗަރ ޕާކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. މޮޅަދޫ، ހދ. ކުމުންދޫ، ނ. ލަންދޫ، ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ، ލ. ގަން، ގއ. ކޮނޑޭ އަދި ގދ. ފިޔޮރީ އެވެ.
މި މަޝްރޫޢުގެ ދަށުން ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކުރުމަށްފަހު، އެތަންތަނުގެ ކޮންސެޕްޓާއި ސްކޯޕް މިހާރު ވަނީ ކަނޑައެޅިފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެކެވެ. މި ސިޔާސަތުގެ ދަށުން، ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.