ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ކާޑުތަކުން ކުރާ މުއާމަލާތްތަކާއި ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އުސޫލުތަކަށް ގެނެވޭ އިސްލާހުތައް ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަން އާ ދެމެދު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންއާ އެކު، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމައެކަނި ރާއްޖެއިން ބޭރުގައި ތިއްބަވާ އިރު އެކްޓިވް ވާގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ރާއްޖޭގައި ތިއްބަވާ ބޭފުޅުންގެ ކާޑު، ކާޑުގެ ވެރިފަރާތާ ނުލައި ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭނެކަން ބޭންކުން ކަށަވަރުކޮށްދެއެވެ. މީގެ އިތުރުން، ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި ބޭނުންކުރެވޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.
ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތް ކިޔަވާ ކުދިންނަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެ ކުއްޖަކަށް ޚާއްސަ ސްޓޫޑެންޓް ކާޑެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭއިރު، އެ މުއްދަތުގެ ތެރޭގައި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެއެވެ. އަދި އީ-ކޮމާސް މުއާމަލާތްތަކަށް ބަލާއިރު، މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ ތިން އިންސައްތައަށް ވުރެ މަދު އަދަދެއް ކަމަށްވާތީ، ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފައެވެ. މިއީ މަދު ބަޔަކު ވިޔަފާރީގެ ބޭނުމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭނުންކުރުން ހުއްޓުވައި، ގިނަ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފައިސާ ލިބޭނެ ގޮތް ހެދުމަށް އެޅި ފިޔަވަޅެކެވެ.
ކަސްޓަމަރުންނަށް ލުއި ދިނުމުގެ ގޮތުން، އެއް ކްރެޑިޓް ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމައެކަނި އެއް ކާޑުގެ އަހަރީ ފީ ނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޓީޓީތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިތަކަށް ހަމަޖެއްސި ނަމަވެސް، ބޭރު ފައިސާ އެކައުންޓުގައި ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ހިމެނޭހެން ކޮންމެ ވަގުތަކުވެސް ފޮނުވޭނެއެވެ. މީގެ އިތުރުން، ޓީޓީތައް ސްޕްލިޓްކޮށްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް ބޭންކުން ވަނީ ނިންމާފައެވެ.