މިދިޔަ މަހުގެ ނިޔަލަށް 40،944 ޓީޓީއަކަށް 136 މިލިޔަން ޑޮލަރު ބީއެމްއެލްއިން ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިދިޔަ މަހުގެ ނިޔަލަށް 40،944 ޓީޓީއަކަށް 136 މިލިޔަން ޑޮލަރު ބީއެމްއެލްއިން ދޫކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާ ވިއްކުމާއި ބޭރު ފައިސާގެ މުޢާމަލާތްތަކާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ. ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ހާމަކުރެއްވި ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 40،944 ޓީޓީއަކަށް 136 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ.

ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުގައި ކުރާ ކާޑުގެ މުޢާމަލާތްތަކަށް މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 296 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އެގޮތުން 2025 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 47 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރުގެ ފާއިތުވި ހަތަރު މަހު އެވްރެޖްކޮށް މަހަކު 74 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ.

ޓީޓީތަކަށް ބޭންކުން ޑޮލަރު ދޫކުރި މިންވަރަށް ބަލާއިރު، މިދިޔަ އަހަރު މަހަކު އެވްރެޖްކޮށް ވިއްކާފައިވަނީ 15 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް މަހަކު އެވްރެޖްކޮށް 34 މިލިޔަން ޑޮލަރު ޓީޓީތަކަށް ވަނީ ދޫކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ހަތަރު މަހު ޓީޓީއަށް ޑޮލަރު ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު:

- ޖަނަވަރީ: 10,838 ޓީޓީއަށް 35 މިލިޔަން ޑޮލަރު - ފެބްރުވަރީ: 10,551 ޓީޓީއަށް 34 މިލިޔަން ޑޮލަރު - މާރިޗު: 10,600 ޓީޓީއަށް 37 މިލިޔަން ޑޮލަރު - އެޕްރީލް: 8,955 ޓީޓީއަށް 30 މިލިޔަން ޑޮލަރު

މީގެ އިތުރުން، ކާޑު މުޢާމަލާތްތަކަށް ބަލާއިރު މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުތަކުން ކުރި މުޢާމަލާތްތަކަށް 160 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 40 މިލިޔަން ޑޮލަރެވެ. މި ތަފާސްހިސާބުތަކުން ހާމަވަނީ ބޭރު ފައިސާގެ ބޭނުންތަކަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަން އިތުރުވަމުންދާ ކަމެވެ.

މިއަދު އޮންލައިން