އިންސާފުވެރިކަން އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު ނޫސްވެރިކަމަށް މަގުފަހިވާނެ ފަދަ މާހައުލެއް ގާއިމުކުރުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝިއަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައާއި، ކޮރަޕްޝަން ނައްތާލުމުގައާއި، އަދި ހާއްސަކޮށް ޑިމޮކްރަސީއެއްގެ އުސޫލުތައް ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާން ކުރަން ޖެހޭކަމަށެވެ.
މިއަދަކީ ނޫސްވެރިންނާއި މިނިވަން ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކާމެދު ވިސްނާލަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، ނޫސްވެރިކަމުގެ އަސާސީ އުސޫލުތައް ކަމުގައިވާ، ތެދު މައުލޫމާތު ހޯދުމާއި، މައުލޫމާތު ފެތުރުމުގައި ސައްހަކަން ކަށަވަރުކުރުން މުހިއްމު ކަމަށެވެ. އަދި ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަން އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ ފަދަ މާހައުލެއް ގާއިމުކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މީގެ އިތުރުން، މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމަށާއި، އަދި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ފަސްޓް ލޭޑީ ވަނީ ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.