އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ ޓްރާންސެކްޝަންތައް ލިމިޓްކުރަން ބީއެމްއެލްއިން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ ޓްރާންސެކްޝަންތައް ލިމިޓްކުރަން ބީއެމްއެލްއިން ނިންމައިފި

ދިވެހިން އާންމުކޮށް ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑު ބޭނުންކޮށްގެން މަހަކު ހެދޭ ޓްރާންސެކްޝަންތައް ނުވަތަ މުއާމަލާތްތައް ލިމިޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ. މި ބަދަލާއެކު އީ-ކޮމާސް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަހަކު ކުރެވޭނީ ގިނަވެގެން 30 ޓްރާންސެކްޝަނެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން ބޭރު ފައިސާ ދޫކުރުމުގައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުމަށްޓަކައި މިއީ އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ބޭންކުގެ މައިގަނޑު މަގްސަދަކީ ލިބޭ ބޭރު ފައިސާ ހުރިހާ ރައްޔިތުންގެ ބޭނުންތަކަށް އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސީއީއޯ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އޮންލައިން ސައިޓްތަކުން މުދާ ގަންނަމުންދެއެވެ. މިކަމުގެ ސަބަބުން ބޭންކުން ބޭރުވާ ބޭރު ފައިސާގެ ބޮޑު ބައެއް މަދު ބައެއްގެ މައްޗަށް ބެހިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލްއިން ބޭރަށް ފޮނުވަންޖެހޭކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ، "ރުފިޔާ ކާޑަކުން ރާއްޖޭން ބޭރުން ޚިދުމަތް ހޯދާއިރު ނުވަތަ އޮންލައިން ޕްލެޓްފޯމަކުން ޚިދުމަތް ހޯދާއިރު، ރުފިޔާ ބޭންކުން ވިއްކީމާ ޑޮލަރަށް ބަދަލުވެގެން ދާނެ، އޭރުން އަޅުގަނޑުމެން ބޭރަށް ޑޮލަރު ފޮނުވަން ޖެހޭނެ." ކަމަށެވެ.

މިފަދަ ހާލަތެއްގައި މަދު ބަޔަކު ގިނަ އަދަދަކަށް ޑޮލަރު ބޭނުންކުރާނަމަ، އެހެން ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ދަތިތަކާ ކުރިމަތިވާނެކަމަށް ބޭންކުން ދެކެއެވެ. އެހެންކަމުން، މި ގެނެވުނު ބަދަލަކީ ބޭރު ފައިސާގެ މުއާމަލާތްތައް ހަމަހަމަކޮށް ބެލެހެއްޓުމަށް އެޅުނު ފިޔަވަޅެކެވެ.

މިއަދު އޮންލައިން