ރާއްޖޭގައި ކުރިމަތިވާ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ދިފާޢީ އަދި ވަތަނީ ޚިދުމަތުގެ ވަޒީރު ޙަސަން ރަޝީދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް އެ އިދާރާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެންޑީއެމްއޭގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން އެވެ. ބައްދަލުވުމުގެ ތެރެއިން ވަޒީރު ވަނީ އެންޑީއެމްއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ކާރިސާގެ ވަގުތުތަކުގައި ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާގެ ވަގުތުތަކުގައި އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.