ނޫސްވެރިންނަށް ރައްކާތެރިކަމާއި، ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މުހިންމު އަމާޒެއް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން މިހެން ބުނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަަބަތުގައި ތަހުނިޔާ ފޮނުވައި ނެރުނު ބަޔާނެއްގައެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް 108 ވަނަ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބަދަލުތަކެއް އައިސްފައިވާ އަދަދެއްކަން އެމްއެމްބީސީން ފާހަގަކުރެއެވެ. އެ ކޮމިޝަނުން ބުނީ ރާއްޖޭގެ ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޔުނެސްކޯއިން މިއަހަރުގެ ނޫސްވެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްޤުތަކާއި، ތަރައްޤީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން" އެވެ. މި ޝިޢާރާ ގުޅޭގޮތުން އެމްއެމްބީސީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔުމެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ސުލްހައިގެ ދަންމަރެއް ކަމަށެވެ.
ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީ ކުރުވައި، ރައްޔިތުން ބާރުވެރިކުރުވުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ހަތަރު ވަނަ ބާރުކަން ފާހަގަކުރަމުން، މީޑިއާގެ މުސްތަޤުބަލު އައު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކޮމިޝަނުން ބުނެއެވެ. މީގެ ތެރޭގައި އައު ސުލޫކީ މިންގަނޑެއް އެކުލަވާލުމާއި، މީޑިއާތަކަކީ މާލީ ގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަށްޓަކައި އައު ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުން ހިމެނެއެވެ.
އެމްއެމްބީސީގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން މަޢުލޫމާތު ފެތުރުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ އަޚުލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުރިހާ ނޫސްވެރިންނަށާއި މީޑިއާތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.