މިޞްރުގެ ޝައިޚުލް އަޒްހަރާ އައި.ޔޫ.އެމް ގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިޞްރުގެ ޝައިޚުލް އަޒްހަރާ އައި.ޔޫ.އެމް ގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ބައްދަލުކުރައްވައިފި

މިޞްރުގެ ޝައިޚުލް އަޒްހަރު އަދި އިމާމުލް އަކްބަރު ފަޟީލަތުއްޝައިޚް ޑޮކްޓަރ އަޙްމަދު މުޙައްމަދު އަލް-ޠައްޔިބްއާ އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު ބައްދަލުކުރައްވައިފިއެވެ.

މިޞްރުގެ ޤާހިރާގައި ހުންނަ ޝައިޚުލް އަޒްހަރުގެ ރަސްމީ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އައި.ޔޫ.އެމް ގެ ޢިލްމީ ކުރިއެރުމަށްޓަކައި ދަރިވަރުންނާއި މުވައްޒަފުން ބިނާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ވަގުތުވެސް އަޒްހަރު ޔުނިވަރސިޓީން ފޮނުއްވާފައިވާ ޤުރުއާނުގެ ޤިރާޢަތަށް ޚާއްޞަ ދެ ޕްރޮފެސަރުން އައި.ޔޫ.އެމްގައި ޚިދުމަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝައިޚުލް އަޒްހަރަށާއި އެ ޔުނިވަރސިޓީގެ އިސް ވެރިންނަށް ޝުކުރު އަދާކުރައްވައި ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރުވަނީ ޤުރުއާނާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާތަކުން އަދި ޢިލްމީ ފެންވަރު މަތިކުރުމުގެ އެކިއެކި ފުރުޞަތުތައް އަޒްހަރު ޔުނިވަރސިޓީން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުވުމުގައި މިޞްރުގެ ޝައިޚުލް އަޒްހަރު އަދި އިމާމުލް އަކްބަރު ފަޟީލަތުއްޝައިޚް ޑޮކްޓަރ އަޙްމަދު މުޙައްމަދު އަލް-ޠައްޔިބް ވަނީ އައި.ޔޫ.އެމް އިން އެދޭ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޝައިޚުލް އަޒްހަރަކީ މިހާރު 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީގެ ދީނީ އަދި އެކެޑެމިކް ކަންކަން ނިންމާ އެންމެ އިސް ފަރާތެވެ. ވައިސް ޗާންސެލަރ ގެ އިތުރުން މި ބައްދަލުވުމުގައި އައި.ޔޫ.އެމް ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދާއި އެ ޔުނިވަރސިޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން