ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތައް ތަރައްޤީކުރުމުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތައް ތަރައްޤީކުރުމުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ

ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި ތަރައްޤީ ކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ތިލަދުންމަތީ އުތުރުބުރީގެ ތިން ރަށެއްގައި ކުރިއަށްގެންދާ މަސައްކަތްތައް މިއަހަރުގެ ޤައުމީ ދުވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ތާރީޚީ އާސާރުތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރަނީ ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގެ އާސާރުތައް ކަމަށެވެ. އަދި މިހާރު މި ތިން ރަށުގައިވެސް އަމަލީ މަސައްކަތްތައް ފެށިގެން ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އުތީމުގައި ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެރަށުގެ ކަނދުވަލު ހިމެނޭ ސަރަހައްދުގައި ސްޓޯރީ ފޮރެސްޓް ޕާކެއް ޤާއިމްކުރުމާއި، ކަނދުވަލު މިސްކިތާއި އެ މިސްކިތާ ގުޅިފައިވާ އާސާރުތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެއިތުރުން، ތާރީޚީ އުތީމު ގަނޑުވަރު މަރާމާތުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

މީގެއިތުރުން، އުތީމު ބަނދަރު ސަރަހައްދުގައި ބޮޑުތަކުރުފާނުގެ ހަނދާނުގައި ދޮރޯއްޓަކާއި، އިސްރަށްވެހިންނަށް ޚާއްޞަ ޕާކެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި ހުރިހާ މަސައްކަތްތަކެއްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މަޝްރޫޢުގެ ދުވެއްޔާ ގުޅޭގޮތުން ވަޒީރު ހީނާ ވިދާޅުވީ، "މިހާރު އަނެއްކާވެސް މި މަޝްރޫޢުތައް ހަލުވި ދުވެލީގައި ފެށި، މިއަހަރުގެ ޤައުމީ ދުވަސް އަންނަންވާއިރަށް މި މަޝްރޫޢުތައް ނިމި އިފްތިތާޙްކުރެވޭވަރުވާނެ" ކަމަށެވެ. މި މަޝްރޫޢު ނިމުމުން މި ރަށްރަށުގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބި، ރާއްޖޭގެ ތަރިކަ ދައްކުވައިދިނުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން