ރެމިޓެންސްގެ ގޮތުގައި ނުވަތަ ވިޔަފާރި ނޫން ބޭނުންތަކަށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 167.6 މިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އިތުރުން ރާއްޖެއަށް އެތެރެވި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އައުޓްވާޑް ރެމިޓެންސްގެ ގޮތުގައި ޖުމްލަ 139,000 މުއާމަލާތް ކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުއާމަލާތްތަކުގެ ޖުމްލަ އަގު 167.6 މިލިޔަން ޑޮލަރަށް އަރާއިރު، މިއީ ފައިސާގެ ގޮތުން ބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބިދޭސީންގެއެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި އައުޓްވާޑް ރެމިޓެންސްގެ 94 އިންސައްތަ މުއާމަލާތަކީ ބިދޭސީން ކޮށްފައިވާ މުއާމަލާތްތަކެވެ. އަދި ބާކީ 6 އިންސައްތަ މުއާމަލާތަކީ ދިވެހިން ކޮށްފައިވާ މުއާމަލާތްތަކެވެ.
ދިވެހިން ކުރި މުއާމަލާތްތަކުގެ ނިސްބަތް މަދު ނަމަވެސް، 2024 ވަނަ އަހަރާ އަޅާބަލާއިރު ދިވެހިން ކުރި މުއާމަލާތްތަކުގެ އަދަދު ވަނީ 11 އިންސައްތަ އިތުރުވެފައެވެ. ހަމައެއާއެކު، މި މުއްދަތުގެ ތެރޭގައި ބިދޭސީން ކުރި މުއާމަލާތްތަކުގެ އަދަދު 89 އިންސައްތަ އިތުރުވެފައިވާކަން އެމްއެމްއޭގެ ރިޕޯޓުން ފާހަގަކޮށްފައިވެއެވެ.